ހއ. އިހަވަންދޫގެ ފުރަތަމަ ޙާފިޡާ އަށް، އިހަވަންދޫ ނޫތަރިގޭ، އުމުރުން 20 އަހަރުގެ ރައްޔާ އަޙްމަދު ވެއްޖެއެވެ. ރައްޔާ ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް، ޙާފިޒުންގެ ކޮމިޓީ އަށް ކިޔައިދީ، ފާސްވެފައެވެ. ރައްޔާއަށް ހިއްވަރު ދިނުމުގެ ގޮތުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ރައްޔާ އާއި ބައްދަލުކުރައްވައި، މި ކާމިޔާބީ އަށް މަރުޙަބާ ވިދާޅުވެ، ހިއްވަރު ދެއްވައިފައެވެ. މިނޫހާއި ވާހަކަދައްކަމުން ރައްޔާ ބުނީ، ކުޑައިރުންސުރެ އަބަދުވެސް ޤުރުއާން ހިތުން ދަސްކުރުމުގެ އަޒުމް ހިތުގައި އޮތްކަމުގައެވެ. "އުމުރުން 4 އަހަރުގައި ވަފާ ޤުރުއާން ކުލާހަށް ދާންފެށިހިސާބުން ދަސްކުރަން ފެށިއްޖެ. އަދި އަޅުގަނޑުމެންނަށް ކިޔަވާދެއްވި ޤާރީ ހަސީބްވެސް ގޭގައި އުޅުމާއިއެކު އަބަދުވެސް އުޅެވުނީ ޤުރުއާނުގެ ތެރޭގައި،" ރައްޔާ ތަފްސީލް ކޮށްދިނެވެ. ސްކޫލް ދައުރުގެ ރަސްމީ ތައުލީމްގައި ބަޒީކޮށް އުޅެމުންވެސް، 2023 ވަނަ އަހަރު މަދަރަސީ ތައުލީމް ނިމުނުއިރު ރައްޔާ ވަނީ 15 ފޮތް ހިތުން ދަސްކޮށްފައެވެ. ރައްޔާ ބުނީ މިކަމުގައި އެންމެ ބޮޑު މަސައްކަތެއް ކުރީ ފާއިތުވި ދެ އަހަރު ކަމުގައެވެ. އެއީ ކުރިން ދަސްކޮށްފައިވާ ބައި މުރާޖާ ކުރުމާއި ބާކީބައި ދަސްކުރުމުގައެވެ. "ރޭގަނޑުގެ ބޮޑު ބައި ނުނިދާ އިނދެ ދަންވަރު، ދަސްކުރަމުން ދިޔައީ،" ރައްޔާ ކިޔައި ދިނެވެ. މިކަމުގައި ރައްޔާއަށް ލިބިގެންދިޔަ އެންމެ ބޮޑު ހިންހަމަޖެހުމަކީ ރައްޔާގެ މަންމަގެ ފަރާތުން މިކަމަށް ދިން އަހަންމިއްޔަތާއި އެހީތެރިކަމެވެ. ޤުރުއާން ހިތިދަސްކުރަން ބޭނުންވާ އެހެން ކުދިންނަށްނަށް ދޭނެ ނަސޭހަތަކީ ކިބައިތޯ އެހުމުން ރައްޔާ ބުނީ މިކަމުގައި ކުދިޔަށް ދެވޭނީ އިހްލާސްތެރި ކަމާއިއެކު ޡަވާބު ހޯދުމުގެ މަޤްސަދުގައި މަސައްކަތް ކޮށްގެން ކަމުގައެވެ. ރައްޔާ ބުނި ގޮތުގައި އެންމެ ކުރިންސުރެންވެސް ޤުރުއާން މުބާރާތެއްގައި ބައިވެރިވިޔަސް ބައިވެރިވަނީ، ނުބަލައި ކިޔަވާ ބައިގައެވެ. މިކާމިޔާބު ހާސިލް ކުރުމުގައި ކިޔަވައިދެއްވި އެދުރުންގެ އިތުރުން، އާއިލާގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަން ރައްޔާ ފާހަގަކުރިއެވެ. ޙާފިޒުންގެ ކޮމިޓީ އަށް ކިޔައިދިނުމަށް ރައްޔާ މާލޭގައި ވޭތުކުރި މަހެއްހާ ދުވަހު އާއިލާގެ މެމްބަރުންތިބީ ރައްޔާއަށް ހިއްވަރު ދިނުމަށް މާލޭގައެވެ. މާލޭގައި އެހާ ގިނަދުވަހު ހުރުމަށް އެހީތެރިކަން ދެއްވި، އަލިވާގޭ ޒާހިރާއަށް ރައްޔާ ޝުކުރު އަދާކުރިއިރު، ރައްޔާގެ މަންމަ އާއި ޤާރީ ހަސީބްގެ ނަން ވަކިން ފާހަގަކުރިއެވެ.
މީގެކުރިންވެސް އިހަވަންދޫއަށް ނިސްބަތްވާ ބައެއް މީހުންގެ ދަރިން ޤުރުއާން ހިތުދަސްކޮށް ޙާފިޒުކަމުގެ ސަނަދު ނަގާފައިވެއެވެ. ނަމަވެސް މިއީ އިހަވަންދޫގައި ރަޖިސްޓަރީ އޮންނަ ފަރާތެއް ޙާފިޒު ކަމުގެ ސަނަދު ހާސިލްކުރި ފުރަތަމަ ފަހަރެވެ. ރައްޔާގެ މި ކާމިޔާބީ އަކީ އިހަވަންދޫގެ ރައްޔިތުންނަށް ފަޚުރުވެރިވާނެ، އަދި އެހެން ކުދިންނަށްވެސް ހިއްވަރު ލިބިގެންދާނެ ކަމެކެވެ. އިހަވަންދޫގައި ޙާފިޡުން އުފެއްދުމަކީ އިހަވަންދޫ ކައުންސިލްގެވެސް ވަރަށްބޮޑު އަމާޒެކެވެ. އެގޮތުން، އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޙާފިޡު ކަމުގެ ސަނަދު ހާސިލްކުރާ 3 މީހުންނަށް ކޮންމެ މީހަކަށް 50،000ރ ގެ އިނާމެއް އިހަވަންދޫ ކައުންސިލުން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. ހިތްތަކުގެ ނޫރުގެ ނަމުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އަންނަނީ ޙާފިޡުން އުފެއްދުމުގެ މަޤްސަދުގައި ޕްރޮގްރާމެއް ހިންގަމުންނެވެ.
އިހަވަންދޫގެ ފުރަތަމަ ޙާފިޡާ ރައްޔާ : ދަސްކުރީ ދަންވަރު ނުނިދާ އިނދެ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގެ ފުރަތަމަ ޙާފިޡާ ރައްޔާ އިހަވަންދޫއިން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި
6 - ނޮވެމްބަރު - 2025
އައްޝައިހް އަޙްމަދު އައްޒާމް ޙާފިޡު ކަމުގެ ސަނަދު ހާސިލް ކުރައްވައިފި
18 - އޮގަސްޓު - 2026
ހާފިޡުކަމުގެ ސަނަދުހާސިލްކުރާ ކޮންމެ މީހަކަށް 50000ރ ދެނީ
7 - އޮގަސްޓު - 2023
އިހަވަންދޫގެ ފުރަތަމަ 3 ހާފިޒުންނަށް، ކޮންމެ ހާފިޒަކަށް 50000ރ
14 - މާރިޗު - 2023
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި
20 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް