ޚަބަރު

ވީ.އެސް.އައި ރޯދަ ހަރަކާތް 1442 ގެ ފުރަތަމަ ދަރުސް މާދަމާރޭ

ވޮލެންޓަރީ ސާވިސް އޮފް އިހަވަންދޫ (ވީ.އެސް.އައި) ގެ މިއަހަރުގެ ރަމަޟާންމަހުގެ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ދަރުސް މާދަމާރޭ އޮންނާނެ ކަމަށް އެގުރޫޕުން ހާމަކޮށްފިއެވެ. "ވިސްނާށޭ" ނަމުގައި އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އައްޝައިޙް އާދަމް ނިޝާންގެ ދަރުސް މާދަމާރޭ  9:30 ގައި އިހަވަންދޫގެ އޯޕަންސްޓޭޖުގައި ލައިވް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ވީ.އެސް.އައި އިން ހާމަކުރައްވައެވެ. ވީ.އެސް.އައި އިން އިސްނަގައިގެން މިއަހަރުގެ ރަމްޟާން މަހަށް ހާއްސަކޮށް ދީނީ ޕުރޮގުރާމް ތަކެއް ކުރިއަށް ގެންދާނެ ކަމަށް ވީ.އެސް.އައި އިން މައުލޫމާތު ދެއްވައެވެ. ވީ.އެސް.އައި އިން ހިންގާ ހަރަކާތްތަކުގެ ތެރޭގައި އޮންލައިންކޮށް ކުރިއަށްގެންދާ ދަރުސްތަކުގެ އިތުރުން، އިހަވަންދޫއަށް ޝެއިހުން ގެނެސްގެން ދަރުސް ޕުރޮގުރާމްތައް ކުރިއަށްގެންދާނެ ކަމަށް އެގުރޫޕުގެ ރައީސް އަލްފާޟިލް ޙުސައިން ރީހާން މިނޫހަށް މައުލޫމާތު ދެއްވިއެވެ. މިގޮތުން އޮންލައިންކޮށް ކުރިއަށްގެންދާ ދަރުސްތައް ރަމަޟާންމަހުގެ ހަފުތާތަކަށް ބަހާލެވޭއިރު ރޯދައިގެ ދެވަނަ ހުކުރުގައި ޝައިހު ޢަލީ ޒާހިރުގެ ދަރުސް އެއް އޮންނާނެ ކަމަށް ރީހާން ވިދާޅިވިއެވެ. އެގޮތުން އެ ޕުރޮގުރާމަށް ޝައިހު ޢަލީ ޒާހިރު ރަށަށް ގެނައުމުގެ ކަންކަން މިހާރު ކުރަމުންދާކަމަށް ރީހާން ވިދާޅުވިއެވެ. ވީ.އެސް.އައި އަށް މިކަމުގައި އެހީތެރިވެދެއްވާ ހެޔޮއެދޭ އެންމެހާ ފަރާތްތަކަކުގެ ނަން ވީ.އެސް.އައި އިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވައެވެ. ރީހާން ވިދާޅިވީ މިޕުރޮގުރާމް ކުރިއަށްގެންދެވެނީ އިހަވަންދޫގެ ކުލަބު ޖަމިއްޔާތަކާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން އަދި އިހަވަންދޫ ކައުންސިލްއިދާރާގެ އެހީތެރިކަމާއެކުގައި ކަމަށެވެ. ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް ވީ.އެސް.އައިގެ ފަރާތުން އިހަވަންދޫގައި ދީނީ ޙާއްސަ ޕްރޮގްރާމުތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. މިގޮތުން މިސްކިތްތަކުގައި ދަރުސް ދިނުމާއި އިހަވަންދޫގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކާ ބައްދަލުކުރުމާއި އަންހެން ކަނބަލުންނަށް ޙާއްސަ ދަރުސްގެ އިތުރުން ކޮފީ ވިތް ޝެއިޚް އަދި ދޮރުން ދޮރަށް ޒިޔާރަތްކުރުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
ޢަބުދުﷲ ޙަމީދު