ޚަބަރު

މަސްވެރި އިހަވަންދޫ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓުރީ ކޮށްފި

ދިވެހި މަސްވެރިންނާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ފޭސްބުކުގައި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ  ހޯދާފައިވާ "މަސްވެރި އިހަވަންދޫ" ޖަމިއްޔާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓަގައި ރަޖިސްޓްރީކޮށްފިއެވެ. މަސްވެރި އިހަވަންދޫ  ފާހަގަ ކުރެވިފައި ވަނީ އެމީހުންގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް އިހަވަންދޫގެ އޮޑިދޯނި ފަހަރާއި މަސްވެރިންނާ ގުޅޭ މައުލޫމާތުތައް އަދި މަސްވެރިންގެ ދިރުއުޅުމާއި މަސައްކަތު ދާއިރާގެ ހުނަރުތަށް ތާޒާކަމާއެކު ފޯރުކޮށްދީ މަސްވެރިންނަށް ހިތްވަރުދިނުމާއެކު މަސްވެރިކަން ޕުރޮމޯޓު ކުރުމުގައި ހަރަކާތްތެރިވާ  ބައެއްގެ ގޮތުގައެވެ. އިހަވަންދޫގެ ތަރައްޤީއަށް މަސައްކަތްކުރުމާއި، ޚާއްޞަކޮށް އިހަވަންދޫގެ މަސްވެރިންގެ ހައްޤުގައި މަސައްކަތްކޮށް މަސްވެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމާއި، ޖުމުލަކޮށް މުޅި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް މަސްވެރިކަމާ ގުޅުންހުރި އެކިއެކި ޙަރަކާތްތައް ރާވާ ހިންގުމުގެ މަޤުސަދުގައި ވުޖޫދުވި މި ޖަމިއްޔާ އަކީ ޤައުމީ ފެންވަރުގައި ހަރަކާތްތެރިވާނެ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ މުއައްސަސުންގެ ގޮތުގައި ތިއްބެވީ ހއ. އިހަވަންދޫ، ނޫރުމަންޒިލް އަލްފާޟިލް ޢަބުދުﷲ އިރުޝާން އަދި ހއ. އިހަވަންދޫ ރަށްމެދުގެ އަލްފާޟިލް އަޙްމަދު ނަޞީރު އެވެ. މަސްވެރި އިހަވަންދޫގެ މުއައްސިސް ޢަބުދުﷲ އިރުޝާން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖަމިއްޔާގެ އާއްމު ޖަލްސާއާއި ބާއްވާނެ ތާރީޚެއް ކުރިއަށްއޮތް ހަފުތާގައި ނިންމާނެ ކަމަށެވެ. މަސްވެރި އިހަވަންދޫ ފޭސްބުކު ޕޭޖަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަ ކުރައްވަމުން ޢަބުދުﷲ އިރުޝާން ވިދާޅުވީ ނިމިދިޔަ ހަފުތާގައި ޕޭޖަށް ރެކޯޑު އަދަދަކަށް ޔުނިކިއު ވިއުސް ލިބިފައިވާ ކަމަށެވެ. އެގޮތުން 47000 އަށްވުރެ ގިނަ މީހުން މިދިޔަ ހަފުތާގައި މަސްވެރި އިހަވަންދޫ ޕޭޖަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިރުޝާނު މަޢުލޫމާތު ދެއްވައެވެ. މަސްވެރި އިހަވަންދޫ ޖަމިއްޔާގެ ފަރާތުން ރަށުފެންވަރުގައި ކުރެވޭ އިޖުތިމާއީ ހަރަކާތްތަކުގަ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަޔަގީންކަން އެޖަމިއްޔާއިން ދެއްވައެވެ.
ޢަބުދުﷲ ޙަމީދު