ހިތް ހުއްޓި އިހަވަންދޫ މަރުވެދާނެ
ހަމަ ސަޅިއަކަށް ބިރުވެރި ސުރުހީއެއް އަޅާލީކީ ނޫނެވެ. ހާލަތު ހަމަ ގޯހީއެވެ. ހިތް ހުއްޓެނީއެވެ. ފަރުވާގެ އުންމީދެއް ނެތެވެ.
މާލޭގެ އުތުރުން އާބާދީގެ ނިސްބަތުން އެންމެ މަސްވެރިން ގިނަ ރަށެވެ. މަސްވެރި އުޅަނދުފަހަރު ވެސް އެންމެ ގިނަ ރަށެވެ. ނާލުބައްތެއްޔާއި ލޯންޗުފަހަރާއި ބޮޑެތި ފިހާރަތަކާއި ހޮޓާ/ރެސްޓޯރެންޓް ވެސް ނިސްބަތުން އެންމެ ގިނަ އެއް ރަށެވެ. ރަށްވެހިންގެ ރަޖިސްޓަރީގައި ޖެހިފައި ތިބި އަދަދުގެ ނިސްބަތުން އެންމެ ގިނަ މީހުން ރާއްޖެތެރޭ ރަށެއްގައި ގާއިމުވެ ދިރިއުޅޭ އެއް ރަށެވެ. ވަރުގަދަ އިގުތިސޯދެއް ހިނގަހިނގާ އޮތް ރަށެކެވެ. ލިބި ފުދިގެން ތަނަވަހުގައި ދިރިއުޅޭ ބައެކެވެ. އަމާން ވެއްޓެކެވެ. ނަމަވެސް ހާލަތު ވަރަށް ގޯހެވެ. ހިތް ހުއްޓެނީއެވެ.
އިހަވަންދޫ ފަޅު ފުރާ އެހެރަ މަސްދޯނިފަހަރަކީ ފަޅު ފުރި ބަންޑުންވާހާ ފައިސާއެވެ. އާއިލާތަކެއްގެ ޒިންދަގީއެވެ. އެ އެންމެން ފިތްކެނޑިއްޖެއެވެ. ހިތް ހުއްޓެނީއެވެ.
ކަނޑުމަސްވެރިކަމަށް ދުއްވާ މިތައް އޮޑިން ކިހާ ފަޅުވެރިންނެއް މަހަށް ފުރާ ހެއްޔެވެ؟ އިއްޔެ މަހަށް މޮހާލީ ކިތައް ގަނޑެތި ހެއްޔެވެ؟ އަދާހަމަކުރެވޭ މަސްވެރިންގެ ދަފުތަރެއް ބެލެހެއްޓޭ ހެއްޔެވެ؟ ފަޅު ފުރާ އެހެރަ ހަރުމުދަލުގެ އަގު ވަޒަންކޮށްލެވުނު ހެއްޔެވެ؟ އެއާ ގުޅިފައިވާ ލޯނުގެ ޖުމުލަ ބަލައިލެވުނު ހެއްޔެވެ؟ މަސްވެރިކަން ތައްކަތުވީމާ ރަށަށް ކުރާ ނޭދެވޭ އަސަރު ދެނެގަނެވުނު ހެއްޔެވެ؟ މި އަހަނީ މަސްވެރިކަމުގެ އެއްވެސް ތަފާސްހިސާބެއް ޖެހެވި ޖަމާކުރެވޭ ހެއްޔޭއެވެ. މަސްވެރިކަމުގެ އަސްލު މަންޒަރު ސިފަވޭތޯ އުޅެވޭ ހެއްޔޭއެވެ. ކަން މަތިވެފައި ވަނީ ކައުންސިލާއެވެ. ސުވާލު މި ކުރަނީ އިހަވަންދޫ ކައުންސިލާއެވެ. މަސްވެރިކަމުގެ ފަސް އަހަރުގެ ތަސައްވަރު ލިޔެ ނިންމާފައި އެ ވަނީ ހިސާބު ނުޖަހައެވެ. މަސްވެރިކަމުގައި ލައިގެންފައި ހުރި އަސްލު މައްސަލަތަކުން ސިޔާސަތު ކަސިޔާރުވެފައި ވަނީ އެހެންވެއެވެ. ހާލަތު ވަރަށް ގޯހެވެ. ހިތް ހުއްޓެނީއެވެ.
ހިސާބުކިތާބު ނޭނގުނަސް އަޑު ކިޔާތީ އިވެނީއެވެ. ލޯ ހުންނާތީ ފެންނަނީއެވެ. މަހަށް ފުރި ކިތަންމެ ބަޔަކު އަޖޫޒުވެ އަބަހައްދަވެ ނިމިއްޖެއެވެ. ދެން ތިބި ބަޔަކުވިއްޔާ އެތިބަގެން ކަމީނާވެ އަވަދި ވަނީއެވެ. ތަފިލިވެ ހުދުފުށްވަނީއެވެ. ތަޖުރިބާހުރި ޒަމާންވީ ފަޅުވެރިންގެ ހަށްޓަކު ގުދާރުބިންދައިގެން ގުލާނުކުރާނެހާ ޖޯރެއް މިހާރަކު ނެތެވެ. ބަލިބައްޔަށް ފައްސިވެ ފޮއްސިވީއެވެ. ހިތް ހުއްޓެނީއެވެ.
ހިޔައެއްހާ ވަރު ކޮންމެ އަހަރަކުމެ މަދަރުސާ ނިންމާއިރު އޭގެ ދަގީގެއްހާ ވަރު ވެސް މަސްވެރިކަމަކާ ނުގުޅެއެވެ. ނޫކަށިފުރާ ކުދިންގެ ހިތްޕުޅުގައި ކުލުނުގެ ކަންފުޅެއްހާ ވަރު ވެސް މާކަނޑަކަށް ނޯވެއެވެ. ސަބަބު ސާފުވާނީ ހޯދާބެލީމައެވެ. ދެވަންފުރާއިން ވެސް އޮޑިމަތީ ހަރުލައިތިބި ވަރުން ސައްތަ ހުރަސް ކުރަނީ ކިރިޔާއެވެ. އޮޑިވެރިންގެ ގަބަރާކަމާއި ކެޔޮޅުންގެ ބޮޑާކަމާއި ތިންބައިފަޅުވެރިންގެ ކެހެނިކަމާހުރެ ޅަފުރާ ކުއްޖަކު އޮޑިޔަކު ހިފަހައްޓާލުމަކީ ވެސް ހަގީގަތުގައި ކެރިކުޅަދާނަވާ ވަރު ކަމެއް ނޫނެވެ. ކޮވިޑުގެ އާފާތާހުރެ މަހަށް ފުރަން އެރި ދެތިންދޮޅަހަކަށް ޒުވާން ފަޅުވެރިން ވެސް، ފަތުރުވެރިކަން ފާގަތިވެ ސަރުކާރުގެ ސިޔާސަތާއެކު އުޖޫރަ ހިއްލިލީމާ ރިޒޯޓުތަކަށް ފުރަން ފެށީއެވެ. ހިތް ހުއްޓެނީއެވެ.
ފަޅުވެރިން ހުސްވެ ފުރޭނެ ގޮތް ބަންދުވެ ގިނަ މަސްދޯނިފަހަރު ލަންގަރުލައި ވެހައިފިއެވެ. ފުރޭވަރުވާ އޮޑިފަހަރު ވެސް ހާކަނޑުގައި ލަބަރިތަޅައިފައި ވަންނަނީއެވެ. ކަނޑަކު މަހެއް ނުޖަހައެވެ. ހާހަލަށް އެމެއް ނާރައެވެ. ދެކުނުގައި ކުރާހެން އުޅޭނެހާ ހިތްވަރެއް ނެތެވެ. ކުރާހާ ވެސް ކަމަކީ ނުވަތަ ކުރެވެން އޮތްހާ ވެސް ކަމަކީ އޮޑި ވިއްކޭނެ ކޮޅެއް ވޭތޯ ބޯދިނުމެވެ. މި ގޮތެއްގައި ތިއްބައި ދުނިޔެ މުސީބާތެއްގެ ތުންފަތް މައްޗަށް ވެއްޓި އޭގެ ރޯޅި ރާއްޖެއަށްމެ ކުރަން ފެށީއެވެ. ތެލުގެ އަގު އުފުލި ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ. ހިތް ހުއްޓެނީއެވެ.
އިހަވަންދޫ ދިރިދެމި އޮންނަނީ މަސްވެރިންގެ އަތްމަތީގައެވެ. ހިތް ގަރަބަގެންފައި ވަނީ މަސްވެރި އުޅަނދުފަހަރުގައެވެ. ވިންދު ހިނގަނީ ކަނޑުން ލިބޭ ރޯދިންނެވެ. ކަންބޮޑު ވަނީ ހުވާސް ކެނޑި އިހަވަންދޫ އިންދިރާސްވެ ހުލިވެދާނެތީއެވެ. ހިތް ހުއްޓި އިހަވަންދޫ މަރުވެ ދަރަނާ ވެދާނެތީއެވެ. ބަލަ، ބަލަން ނުތިބެ ހޭހަންކުރެވޭތޯ އުޅެމާތޯއެވެ. ހަސްފަސްނެތިވެ ނުދަނީސް ވިސްނުން އިސްކޮށް ސަލާމަތަށްޓަކައި ސައްލާ ފަށަމާތޯއެވެ. ހަތަރު އުދަރެސް ފެނު ނުޖެހެނީސް ނަޖާވެވޭތޯއެވެ. ހިތް ހުއްޓޭތީއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެފްއެސްއެމް އިން ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި!
10 - އޭޕްރީލް - 2026
މަސްވެރިކަމާގުޅޭ މަސައްކަތްތަކަށް އިހަވަންދޫއިން ބިން ދޫކުރަނީ
21 - ފެބްރުއަރީ - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
ދަމާ ގާޑިޔަލުގައި އައިސް އުފުލުން ނިމުމަކަށް ގެނެސް، އިހަވަންދޫ ކައުންސިލްގެ ވައުދު ފުއްދައިފި
26 - އޮކްޓޯބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް