ޚަބަރު

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ކޯސްތައް ފެށޭނެކަމަށް އުންމީދުކުރަން: އެމްއެންޔޫ

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ކޯސްތައް ފެށޭނެކަމަށް އުންމީދުކުރަން: އެމްއެންޔޫ
Advertisement Advertisement

ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ސެންޓަރުގައި ކޯސްތައް ހިންގުމަށް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ކުރިމަތިނުލާތީ ކިޔެވުން ނުފެށި އޮތުމަށްފަހު، 2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އެ ސެންޓަރުގެ ކޯސްތައް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްއެންޔޫއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މި ނޫހުން ކުރި ސުވާލަކަށް  ދެއްވި ޖަވާބުގައި އެމްއެންޔޫއިން ވިދާޅުވީ، އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި 2026 ވަނަ އަހަރުގެ ފެބުރުވަރީ އަދި އޮގަސްޓު އިންޓޭކުގައި ފެށުމަށް ހަމަޖެހުނު ކޯސްތަކަށް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ކުރިމަތިލާފައި ނުވާތީ، އެ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދެވޭ ގޮތް ނުވި ކަމަށެވެ. އެހެންނަމަވެސް، އިހަވަންދޫ އައުޓްރީޗް ސެންޓަރު މެދުވެރިކޮށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެ ޔުނިވަރސިޓީން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި، 2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކޯސްތައް ފެށުމަށް އުންމީދުކުރާ ކަމަށް އެމްއެންޔޫއިން ވަނީ ހާމަކޮށްފައެވެ.

އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ފެށުމަށް އިޢުލާނުކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ތަޢުލީމީ ދާއިރާއާއި، މެނޭޖްމަންޓް އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާ ގުޅޭ 4 ކޯހެކެވެ. އެއީ އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން، މާސްޓަރސް އޮފް އެޑިޔުކޭޝަން، އެޑްވާންސް ސެޓްފިކެޓް އިން މެނޭޖްމަންޓް އަދި ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓެވެ. މި ކޯސްތަކުގެ ތެރެއިން ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓާއި މާސްޓަރސް އޮފް އެޑިޔުކޭޝަން ކޯހަށް ލިބުނީ ކޮންމެ ކޯހަކަށް އެންމެ އެޕްލިކޭޝަނެކެވެ. އަދި އަނެއް ދެ ކޯހަށް އެއްވެސް ދަރިވަރަކު ކުރިމަތިލާފައެއް ނުވެއެވެ.

ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދަރިވަރުން ޚިޔާރުކުރާ ގޮތްތަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ކެމްޕަހަށް ހާޒިރުވެގެން ކިޔެވުމުގެ ބަދަލުގައި ވަޒީފާގައި ތިބެގެން އޮންލައިންކޮށް ކިޔެވުމަށް ދަރިވަރުން އިސްކަންދޭ މިންވަރު އިތުރުވުމަކީ ރަށްރަށުގައި ހިންގާ އައުޓްރީޗް ސެންޓަރުތަކަށް ދަރިވަރުން ލިބުން މަދުވާ މައިގަނޑު އެއް ސަބަބެވެ.

ހއ. އިހަވަންދޫގައި އެމްއެންޔޫގެ އައުޓްރީޗް ސެންޓަރެއް ޤާއިމުކުރުމަށްޓަކައި، އިހަވަންދޫ ކައުންސިލުން އިމާރާތްކޮށްފައިވާ ޕްރީސްކޫލް އިމާރާތް އެމްއެންޔޫއާ ރަސްމީކޮށް ހަވާލުކުރީ 35 އަހަރުގެ މުއްދަތަށް، އެއްވެސް ކުއްޔަކާ ނުލައެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ސޮއިކުރެއްވިއިރު، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ.

އިހަވަންދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައި 2012 ވަނަ އަހަރު ބިންގާ އެޅި އެ ޕްރީސްކޫލް އިމާރާތަކީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓި، ވީރާނާވާން ދޫކޮށްލެވިފައި އޮތް ތަނެކެވެ. ނަމަވެސް، ކައުންސިލްގެ ތިންވަނަ ދައުރާއި ހަތަރުވަނަ ދައުރުގައި ކުރެވުނު މަރާމާތާއި ފިނިޝިން މަސައްކަތްތަކަށްފަހު، އެ އިމާރާތް ބޭނުންކުރެވޭ ފެންވަރަށް ނިންމައި ޔުނިވަރސިޓީއާ ހަވާލުކުރެވުނެވެ. އެހެންނަމަވެސް، ދަރިވަރުންގެ ތަރުހީބު ނުލިބުމުގެ ސަބަބުން ކޯސްތައް ނުފެށި ލަސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ބައެއްފަރާތްތަކުން ފާޅުކުރެއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް