އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި ހުރި ކެފޭ އިމާރާތް ހަވާލުކުރުމަށް އަންގައި، އިހަވަންދޫ ކައުންސިލުން ހަޒް އިންވެސްޓްމަންޓްގެ މައްޗަށް ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ. ކޯޓުން މިމައްސަލަ ނިންމާފައިވަނީ މިއަދުއެވެ.
މި މައްސަލައަކީ އިހަވަންދޫ ކައުންސިލާއި ހަޒް އިންވެސްޓްމަންޓާ ދެމެދު 18 ފެބުރުއަރީ 2024 ގައި ވެފައިވާ އެއްބަސްވުމާ އެ ފަރާތުން ހިލާފުވެފައިވާ ކަމަށް ބުނެ، 24 ސެޕްޓެމްބަރު 2026 ގައި ކައުންސިލުން އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެއްބަސްވުން ބާތިލުކޮށް، ތަން ހުސްކުރުމަށް ދިން އެއް މަސް ދުވަހުގެ މުއްދަތު ހަމަވިއިރުވެސް އެތަނުގައި ވިޔަފާރި ކުރަމުންދާތީ، ތަން ހަވާލުކުރުމަށް އަމުރުކޮށްދިނުމަށް އެދި ކައުންސިލުން ކޯޓަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރު 28 ގައެވެ. ކައުންސިލުން އެމައްސަލަ ހުށަހެޅީ، ތަންހުސްކުރަން ދީފައިވާ މުއްދަތު 24 އޮކްޓޯބަރަށް ހަމަވެފައިވާނަމަވެސް، ހަޒްއިންވެސްޓްމެންޓުން އެތަނުގައި ވިޔަފާރިކުރުމާއި، އަދި ތަންހުސްކުރުމަށް ހަޒްއިންވެސްޓްމަންޓުން އިންކާރުކުރަމުން ދާކަމަށްބުނެއެވެ.
ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މޫސާ އިބްރާހީމް މިއަދު ނިންމެވި ނިންމެވުމުގައި ބަޔާންކޮށްފައިވަނީ، ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް މި މައްސަލައިގައި ފުރިހަމަނުވާ ކަމަށެވެ. އެގޮތުން، ކައުންސިލުން ހުށަހަޅާފައިވާ ފޯމުގައި އަސްލު ދައުވާއެއް ކުރަން ގަސްދުކުރާ ކަމުގެ އެއްވެސް އިޝާރާތެއް ނެތްކަން ކޯޓުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކައުންސިލުން ވަގުތީ އަމުރަކުން ހޯދަން އެދިފައިވަނީ އަސްލު މައުޟޫއީ ހައްގަށް ދާއިމީ ހިމާޔަތެއް ކަމަށާއި، އެއީ ވަގުތީ އަމުރުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ. އަދި އަމުރު ނުނެރެދީފިނަމަ ކައުންސިލަށް ލިބިދާނެ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ ކައުންސިލްގެ އަމުރު މަޢުރޫފުތަކާ ރައްޔިތުން ހިލާފުވުމުން ލިބޭނެ ގެއްލުންތަކެއް ކަމަށާއި، އެއްބަސްވުމާ ހިލާފުވެގެން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެކަން ކައުންސިލަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ކޯޓުގެ ނިންމުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ އެއްބަސްވުމުގެ ހިލާފުތަކަކީ ޝަރީއަތް ހިންގައިގެން މައުޟޫއީ ގޮތުން ގޮތެއް ނިންމަންޖެހޭ މައްސަލަތަކެއް ކަމަށެވެ. އަދި އަސްލު މައްސަލައަށް ނިމުން އަންނާނެ ފަދަ ގޮތަކަށް ވަގުތީ އަމުރު ނެރުމަކީ އަދުލު އިންސާފާ ބީރައްޓެހި ކަމެއް ކަމަށްވާތީ، ކައުންސިލުން އެދުނު ފަދަ ވަގުތީ އަމުރެއް ނެރެދޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް