ޚަބަރު

އިއްޔެގެ މެޗުތަކުން މޮޅުވީ ސެންސިޓީ، ކުޅިމަގު އަދި އެންވީކޭ!

މިހާރު ކުޅެމުންދާ ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020 މުބާރާތުގެ އިއްޔެގެ މެޗުތަކުން ސެންސިޓީ، ކުޅިމަގު އަދި އެންވީކޭއިން މޮޅު ހޯދާފިއެވެ. އިހަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މިމުބާރާތުގައި އިއްޔެ ކުޅެވިގެން ދިޔައީ މެޗް 4 ،5 އަދި 6 ކެވެ. އިއްޔެ ހަވީރު 4 ޖެހިއިރު ފެށުނު މެޗު 4 އެއްގައި ވާދަކުރީ ގުރޫޕް 2 އަކުން ގަބީލާ އާއި ސެންސިޓީ އެވެ. މި މެޗު 4 ލަނޑު 2 ލަނޑުގެ ތަފާތުން ކާމިޔާބުކުރީ ސެންސިޓީ އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސެންސިޓީގެ ޖޯޒީ ނަމްބަރު 8، ހަސަން ސަމީރެވެ. މެޗް 5 އެއްގައި ވާދަކުރީ ކުޅިމަގާއި އެފްސީ ބޮޑުމަގެވެ. ގުރޫޕް 1 ގެ މި މެޗު 4-1 ތަފާތު ނަތީޖާއަކުން ކާމިޔާބު ކުރީ ކުޅިމަގެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅިމަގު ޓީމުގެ ޖޯޒީ ނަމްބަރު 10، އަހުމަދު ނައުޝާދެވެ. ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ އެންވީކޭ އާއި ޖަންގަލް އެވެ. މި މެޗު 3-1 އިން ކާމިޔާބު ކުރީ އެންވީކޭއެވެ. އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ ޖޯޒީ ނަމްބަރު 7، މުހައްމަދު މަދީހެވެ. މި މޮޅާއެކު 6 ޕޮއިންޓް ލިބި މިވަގުތަށް އެންވިކޭ ވަނީ ޕޮއިންޓް ޓޭބަލްގެ ގުރޫޕް 1 އިން އެއްވަނަ މަގާމު ހޯދާފައެވެ. ގުރޫޕް 2 އެއްގައި 3 ޕޮއިންޓާއެކު އަރާދުވާ އާއި ސެންސިޓީ ދެޓީމުވެސް ކުރީގައި އޮތްނަމަވެސް ގޯލުގެ ތަފާތުން އެއްވަނަ މަގާމުގައި އަދި އޮތީ އަރާދުވާއެވެ. ކުރީ ދުވަހު ފެށި މިމުބާރާތުގެ މެޗުތަށް މިއަދުވެސް ކުރިއަށް ދާނެއެވެ. އެގޮތުން މިއަދު ބައްދަލުކުރަން ތާވަލުގައި ހަމަޖެހިފައި އޮތީ ގުރޫޕް 2 އަކުން އަރާދުވާ އާއި ގަބީލާ، އަދި ސެންސިޓީ އާއި ވީކޭޖީ އެެވެ. އަދި ގުރޫޕް 1 އަކުން ކުޅިމަގާއި ޖަންގަލް އެވެ.
adhuham