ކައުންސިލްގެ ލޯގޯ ފަރުމާކުރުުމާމެދު!
ކޮންމެއަކަސް، އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްފައި ހުށަހަޅަން ދިން މުހުލަތު މިހާރު ހަމަވެސް ވެދާނެ ތޯއްޗެކެވެ. ނަމަވިއަސް މި ވާހަކަ ދަންނަވައިލަން ކަމަށެވެ.
ޝައްކެއް ވެސް ނެތް ގޮތުގައި، ލޯގޯއަކީ ރަމްޒެކެވެ. ފާއްދާލާ ކުޑަކުޑަ ރިވެއްޔެކެވެ. ހިޔަންޏެކެވެ. ތަނެއްގެ ކަމާކެމީގެ ކުރުކުރު ވަރަށް ވެސް ކުރު ހުލާސާއެކެވެ. ފޮދުވަރެކެވެ.
ކައުސިލެއްގެ ރަށެއްގެ ރަށްވެހި ވެރިކަމުގެ ނިޝާނެއް ހަދަނީއެވެ. މުޅިން އަލަށެވެ. ކައުންސިލޭ މިހާރު ކިޔަކަސް ކަމަކީ އަންޒަމާންވީ ކަމެއްތާއެވެ. ރަށު ވެރިކަމުގެ މުއްދަތު މިނަންޏާ އަދަދު ކުރަން ޖެހޭނީ ސާސްކަފުންނެވެ. ހަގީގަތުގައި ކައުންސިލްގެ ލޯގޯ ވެގެން ދަނީ އެ ރަށެއްގެ ވެސް ރަމްޒަށެވެ. އެ ރަށެއްގެ ކުރިބޯއްޓަށެވެ. ވީމާ ކަމަކީ ބޮޑު ކަމެކެވެ. ކައުންސިލްގެ ލޯގޯ ވާން ވާނީ ހައިބަތު ހުރި ފުން ފޮނި ނިޝާނަކަށެވެ.
ލޯގޯއެއް މޮޅު ވަނީ ބަލައިލަން ރީތިވެފައި ހިތަށް ފަސޭހަވީމަކާ އެކަންޏެއް ނޫނެވެ. އެންމެ މުހިއްމުކަމަކީ އެއިން ބުނާ ވާހަކަ މޮޅުވުމެވެ. މާނަ މޮޅުވުމެވެ. ބައްޓަން ރީތި ހުހި ވެސް ހުރޭ ނޫންތޯއެވެ. ބުރުސޫރަ ރިވެއްޗަސް ބަނިޔާދަންކަން ނެތިއްޔާ ރީތިކަމުގައި އޮތީ ކޮން އަގެއް ހެއްޔެވެ؟
ލޯގޯގެ ވާހަކަ ފަށަން ޖެހެނީ ސަޅި ވިސްނުމަކާ ހިސާބުންނެވެ. މަދު ތަދު ފިކުރަކުންނެވެ. އެއީ ލޯގޯގެ އަމާޒުފަތްގަނޑު ހޯދައި ކަނޑައެޅުމެވެ. ސިފަ ޖެއްސޭނީ އޭގެ ފަހަށެވެ. ކުލަ ޖައްސާނީ އަދި މާފަހުންނެވެ.
ލޯގޯ ބިނާ ވަނީ ކޮން ކަމަކަށް ހެއްޔެވެ؟ ލޯގޯ އަމާޒު ވީ ކޮން އެއްޗަކަށް ހެއްޔެވެ؟ ލޯގޯގެ ލަނޑުދަނޑި ކޮބައި ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ނުހޯދާ ފަރުމާ ފެށުމެކޭ ހިތަކަށްބިތަކަށްތެޅުމެކޭ އެއްފަދަ ނޫންތޯއެވެ.
ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި، ލޯގޯއިން ރަމްޒުކޮށްދެވިދާނެ ދެ ކަމެއް ފާހަގަކުރެއެވެ. އެއް ގޮތަކީ ކުރީ ޒަމާނުގައި އިހަވަންދޫގައި ބޭނުންކުރި އެއްޗެއް ރަމްޒުކުރުމެވެ. އަނެއް ގޮތަކީ އިހަވަންދޫގެ މަސައްކަތްތެރިކަން ނުވަތަ ފަންނުވެރިކަން ރަމްޒުކުރުމެވެ. މި ވާހަކަ މި އޮތީ ރޮންދާކިޔާލަވަފަދައިން ނޫންތޯއެވެ.
ކުރީ ޒަމާނުގެ ކޮން އެއްޗެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އިހަވަންދޫގައި ކުރާ ކޮން މަސައްކަތެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟
ލޯގޯއިން ރަމްޒުކުރަންވީ އިހަވަންދޫގެ ގަދީމީ ހާއްސަ ސިފައެއް ހެއްޔެވެ؟ ނޫނިއްޔާ، އަދުގެ ހާލަތުން އުފެދޭ އިހުސާސެއް ހެއްޔެވެ؟ ނޫންނަމަ، މުސްތަގުބަލަށް ސީދާކުރެވޭ ތަސައްވަރެއް ހެއްޔެވެ؟ ކީއްވެ ކީއްވެ ކީއްވެ ހެއްޔެވެ؟
ބޮޑުތަކުރުފާނުގެ މަންމާފުޅުގެ ރަށެވެ. ތިން ގަރުނުވީ ހިރިގަލު މިސްކިތެއް ހުރެއެވެ. މަސްވެރިކަމުގެ ސިނާއަތުގައި ނަގާކިޔާ ރަށެކެވެ. ފުދުންތެރި ރައްޔިތެކެވެ. އަމާން ސުލްހަވެރި އެކުވެރި އަފުރާދެއް އޮތް ރަށެއް ކަމަށް ދެކެވިދާނެއެވެ. އިހަވަންދިއްޕޮޅު އަތޮޅު އެ ރަށަކަށް ނިސްބަތްވެފައިވީ ރަށެވެ. އެ އަތޮޅުގެ އިގުތިސާދީ ނާރެހެވެ. ދިރިއުޅޭ އާބާދީ ބޮޑެވެ. ވިހާ ނިސްބަތް ވެސް ހުރީ ހެޔޮ ފާލުގައެވެ. ތައުލީމަށް މަރުދޭ ރައްޔިތެއް އުޅޭ ރަށެކޭ ބުނަން ދައްޗެވެ. ފަތުރުވެރިކަމުގެ ކަންފުޅެއް ވެސް ނެތެވެ. ފުރަތަމަ ނަޒަރުން ކުއްލި ކަޅިއެއް އެއްލީމާ ފޭދެނީ މި ކަހަލަ ސިފަތަކެކެވެ. ކައުންސިލްގެ ލޯގޯ އަމާޒު ހިފަންވީ ކޮން ކަމަކަށް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟
އިހަށް އުފަން ވާންވީ ހިޔާލެކެވެ. ކޮންސެޕްޓެކެވެ. އައިޑީއާއެކެވެ. ލަނޑުދަނޑިއެކެވެ. ފަވައިދޭން އެދެންވީ ދެނެވެ.
ދިރާސާ ހަދަންވީއެވެ. އަހަންވީއެވެ. އޮޅުން ފިލުވަންވީއެވެ. ވިސްނަންވީއެވެ. މިސްރާބު ސާފުވާންވީއެވެ.
ލޯގޯގެ ވާހަކަ ފެށެނީ އަމާޒު ސާފުވާ ހިސާބުންނެވެ. އަމާޒު ޔަގީން ވީމާ ލޯގޯގެ ބައްޓަން ފަށަންވީ ދަރިވަރުންނާ ހަމައިންނެވެ. މަދަރުސާގެ ބޭނުން ހިފަންވީއެވެ. ދަރިވަރުންގެ ހޮބާ ސިކުނޑި ފެލާލައިގެން މޮޅު ބައްޓަމެއް ނެރެވޭނެ ކަމާމެދަކު ޝައްކެއް ވެސް ނެތެވެ.
ކަމާބެހޭ މާހިރުން މުހުތާދު ވަނީ ދެނެވެ. ލޯގޯގެ އެންމެފަހުގެ ޓެކްނިކަލް މަސައްކަތްތައް ނިންމާށެވެ. މުހުލަތު ދީ އަގު ވެސް ދީގެން ކުރުވަންވީ މި ފަހު ކަންތަކެވެ.
މިހާ ދިއުޅިދިގުކޮށް މި ވާހަކައެއް މި ދެއްކުނީ ކާމިލު ލޯގޯއަކަށް ދަހިވެތިވެވޭލެއް ބޮޑުކަމުންނެވެ. ޒަމާންތަކަށް ބޭނުން ހިފޭ އެއްޗަކަށް ލޯގޯ ވުމަށް އެދެވޭތީއެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް