ކުއްލި ގޮތަކަށް އެއްވެސް އިންޒާރަކާއި ނުލައި، ހއ. މާރަންދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ މީހުންގެ އާއިލާތައް ބިކަކޮށްލިކަމަށް ބުނާ މައްސަލާގައި އެކަން ކުށްވެރިކޮށް މާރަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.
މާރަންދޫ ކައުންސިލުން އިއްޔަ ނެރުނު ބަޔާނުގައިވަނީ، ވަޒީފާގެ ޔަޤީންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ބޮލާލައި ޖެއްސެވިކަމަށް ތުހުމަތު ކޮށްފައެވެ. "ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުތަކުގެ، މީހުން ބަލިކަށި ކޮށްލުމަށް، ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރި ކުރުމަކީ ވަރަށް ފިނޑި، އަދި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައި މި ކައުންސިލުން ދެކެމެވެ." މާރަންދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.
މާރަންދޫ ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުނި ރައިޓް ސައިޒް ކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެއާއިލާތައް ނިކަމެތި ހާލުގައި ޖައްސަމުންދާއިރު، ސީޔާސީ ބޮޑެތި މަޤާމުތަކުގައި ބޮޑެތި މުސާރަ ލިބޭގޮތަށް އިތުރު ވަޒީފާތައް އުފައްދަމުންދާ ދިއުމަކީވެސް ވަކި ބަޔަކަށް ނާޖާއިޒު ނަފާ ހޯދައި ދިނުމަށް ހިންގާ ނާތަހުޒީބު އަމަލެކެވެ.
ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކަށް މާރަންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށް، ގޮވާލާފައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް