ކުއްލި ގޮތަކަށް އެއްވެސް އިންޒާރަކާއި ނުލައި، ހއ. މާރަންދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރަމުންދިޔަ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްފަހު، އޭގެތެރެއިން 10 މުވައްޒަފަކަށް އަލުން އަނބުރާ ވަޒީފާ ދީފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ކުއްލިގޮތަށް އެމުވައްޒަފުން ވަޒީފާއިން ވަކުކުރިކަމުގެ ލިޔުން އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދެވަހު 14 މީހަކަށް ލިޔުން އައިނަމަވެސް، އޭގެތެރެއިން އެކަކަށް ފޮނުވުނު ލިޔުމަކީ އޮޅުމެއްކަމަށް ބުނެ އެލިޔުންވަނީ އަނބުރާ ގެންގޮސްފައެވެ. އޭގެފަހުން ބާކީތިބި 13 މީހުންގެ ތެރެއިން 10 މީހަކަށް މިވަނީ އަނބުރާ ކުރީގެ ވަޒީފާ އިއާދަކޮށްދީފައެވެ.
ސަރުކާރު ކުންފުނިތައް ރައިޓްސައިޒް ކުރުމުގެގޮތުން، ފެނަކަ މާރަންދޫ ބުރާންޗުން 13 މީހުން ވަޒީފާއިން ވަކުކުރުމުން އެކަން ކުއްވެރިކޮށް މާރަންދޫ ކައުންސިލުން ބަޔާނެއްވެސް ނެރުނެވެ. އެބަޔާނުގައިވަނީ، ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކަށް މާރަންދޫ ކައުންސިލުން އިލްތިމާސްކޮށް، ގޮވާލާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތައް "ރައިޓްސައިޒް" ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ، ޑރ.މުހައްމަދު މުއިއްޒު އިއްޔަ ވިދާޅުވިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެސްއޯއީތައް ރައިޓް ސައިޒު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން އެސްއޯއީތަކުގައި ތިބި މުވައްޒަފުންނަށްވުރެ މަދުވެގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިހާރު ހިނގާ ރައިޓް ސައިޒުކުރުމުގެ މަސައްކަތް ނިމޭއިރުގައި ވެއްދި އަދަދަށްވުރެ މަދު ކުރި އަދަދު 6،000 އެތައް މުވައްޒަފުންނެއް މަދުވާނެ. މިހާރު ހިސާބުތައް ދާގޮތުން. މަދުވާ އަދަދު. އެހެންވީމަ އަޅުގަނޑުމެން ހަވާލުވިއިރުގައި އެސްއޯއީތަކުގައި ތިބި އަދަށްވުރެ މަދުވެގެންދާނެއޭ މާނައަކީ،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް